
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ރޭ ވިދާޅުވެފައިވަނީ، ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢިލް ނަވީން މަގާމުން ވަކިކޮށް ސަރުކާރުން މަސައްކަތްކުރަނީ ސިޔާސީ ނުފޫޒު ނުފޯރުވޭ ފުލުހުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. މީކާއިލް މިކަން ހާމަކުރެއްވީ ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު މީކާއިލް ވިދާޅުވި ގޮތުގައި، ދާދިފަހުން 241 ކޮމިޓީގައި ހިނގާދިޔަ ކަންކަމުން ފާހަގަވަނީ ވަކި ބޭފުޅަކު ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ކުރިއަށްދާ ކަމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއަކީ ސަރުކާރަށް ނުފޫޒު ނުފޯރުވޭނެ ބޭފުޅެއް ކަމުން، ނަވީން މަގާމުން ދުރުކުރުން ސަރުކާރަށް ކޮންމެހެންވެސް މުހިންމުވެފައިވާ ކަމަށް ފެނެއެވެ.
"މިއީ ކޮންމެހެން އިންސާފުވެރި އެއްކަލަ ތަހުގީގެއް ކޮށްގެން ދާންޖެހޭތީވެ ފޮނުވާލަނީކީއެއް ނޫން. އެބޭފުޅުންނަށް (ސަރުކާރަށް) ކޮންޓްރޯލް ނުކުރެވޭތީވެ، އެބޭފުޅުންގެ މީހަކު ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ގެންނަން ހިންގާ ވަރަށް ބޮޑު ރޭވުމެއް،" މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއިލް ވިދާޅުވީ، މިފަދަ ކަންތައްތަކެއް ފަނޑިޔާރުންނަށް ވެސް ދިމާވަމުންދާ ކަމަށް ފެންނަ ކަމަށެވެ. ޕޮލްކޯ ކޮރަޕްޝަން ރިޕޯޓާއި ސިފްކޯ ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މި ސަރުކާރަށް ދެއަހަރު ވެގެންގޮސްފައިވާއިރު، މިކަންކަން މިހާރު މި ހުށައަޅައިގެން އުޅެނީ ކީއްވެތޯ މީކާއިލް ސުވާލުކުރެއްވިއެވެ. އެހެންކަމުން، މިއަދު ފެންނަނީ ސިފައިންނާއި ފުލުހުންގެ ތެރެއިން ސިޔާސީ ނުފޫޒު ނުފޯރުވޭ ބޭފުޅުން ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ކުރާތަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ސިފަކުރެވެނީ ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ހިންގާ ހަރަކާތެއްގެ ގޮތަށް ކަމަށްވެސް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ.