
ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، އެފްއޭއެމް ވިމެންސް ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދޭގޮތަށް ހަމަޖެހިއްޖެއެވެ. މިއީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ އެހީތެރިކަމާއެކު ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ހާމަކުރައްވާފައިވާ ކަމެކެވެ.
އެފްއޭއެމް އިން ބުނިގޮތުގައި މިފަދަ އެހީއެއް ކުލަބުތަކަށް ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ތަރައްޤީކޮށް، ކުލަބުތަކުން ކުޅުންތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. އަދި އޭގެ އިތުރުން އަންހެނުންގެ ލީގު ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމަކީވެސް މިއެހީ ކުލަބުތަކަށް ދިން މައިގަނޑު އެއް ސަބަބެވެ. ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ތަރައްޤީކުރުމަށް ފީފާއިން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެފްއޭއެމްއިންވަނީ އެ ފެޑެރޭޝަނަަށް ޝުކުރުއަދާކޮށްފައެވެ.
ގިނަ އަހަރުތަކަކަށްފަހު ފަށާފައިވާ މި އަހަރުގެ ވިމެންސް ލީގުގައި ހަ ޓީމެއް ވާދަކުރެއެވެ. މި ޓީމުތަކުގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގަދަ ބާރުތަކުންވެސް ވަނީ ބައިވެރިވެފައެވެ.
އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއިން އިތުރު މަސައްކަތްތަކެއްވެސް ކުރަމުން އެބަދެއެވެ. މިގޮތުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025 ވަނަ އަހަރުގެ އާންމު ޖަލްސާ މި އަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު ބާއްވާފަވާއިރު، އެ އެސޯސިއޭޝަނުގެ އައު ހިންގާ ގަވާއިދު ބައްޓަންކޮށްފައިވަނީ އަންހެނުންގެ ބައިވެރިވުންވެސް ހިމެނޭ ގޮތަށެވެ. އައު ހިންގާ ގަވާއިދަށް މިބަދަލުތައް ގެނައުމުގެ އެއް ބޭނުމަކީ ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅަ ތަރައްޤީކޮށް ކުރިއެރުވުމެވެ.